އައްޑޫ ސިޓީގައި ބައިނަލްއަގްވާމީ ސީފުޑް ހަބެއް ގާއިމު ކުރުމަށް ނިންމާފައި ވާކަމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
އެމްޕީއެލްއަށް ލިބޭ އާމްދަނީ އިތުރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަން ހާމަކުރައްވަމުން ވަޖީހު ވިދާޅުވީ އައްޑޫގައި ބޮޑު ބިމެއް ހިއްކައިގެން ފްރީ ޒޯނެއް ތަރައްގީ ކުރުމުގެ ތަސައްވުރެއް ގެންގުޅޭ ކަމަށެވެ.
އެގޮތުން ބައިނަލްއަގްވާމީ ސީފުޑް ހަބެއް ގާއިމް ކުރުމަށް ރާވާފައިވާކަން ހާމަކުރައްވަމުން ވަޖީހު ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ސަޕްލައި ކުރުމަށް ފަސޭހަވެގެން ދާނެކަމަށެވެ. އަދި ބޭރު ގައުމުތަކުން އިމްޕޯޓްކުރާ މިންވަރު މަދު ކުރެވޭނެ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. މީގެ އިތުރުން ވަޖީހު ވިދާޅުވީ މިއީ ވަރަށް ބޮޑު ވިޔަފާރިއަކަށް ވެގެންދާނެ ކަމަށާއި އެއާއެކު ޑޮލަރު ލިބުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އިތުރަށް ވަޖީހު ވިދާޅުވީ ސީފުޑް ހަބް ގެ އިތުރުން އައްޑޫގައި ރޯ-ރޯ ޓާމިނަލެއް އެޅުމަށް ވެސް އެ ކުންފުނީގެ ވިސްނުން އެބައޮތް ކަމަށެވެ. އެގޮތުން އެތަނުގައި ވެހިކަލްތައް އެސެމްބްލްކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމަށް ރާވަފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. މީގެ އިތުރުން ވަޖީހު ވިދާޅުވީ އައްޑޫ ޕޯޓުތަކުގައި ވެހިކަލް އެސެމްބަލްކޮށްގެން އެހެން ގައުމުތަކަށް އެކްސްޕޯޓުކުރުމުގެ މަސައްކަތްވެސް އައްޑޫގައި ކުރުމުގެ ވިސްނުން އެބަހުރިކަމަށެވެ.