އޮލިމްޕަހުގައި ކާމިޔާބު 37 ހައުސްފުލް ޝޯ އަށްފަހު ދިވެހި ފިލްމު "ކަމަނާ" ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ބުނީ ހައުސްފުލް ޝޯތަކަކަށްފަހު ހުޅުމާލޭ ޝްވެކަށް ފިލްމު ގެންނަން ނިންމާފައިވާ ކަމަށާއި ފިލްމު މި މަހު 20 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ޝްވެކްގައި އަޅުވާނެކަމަށެވެ. "ކަމަނާ" ފިލްމު ވެގެންދިޔައީ ފަހުގެ ތާރީހެއްގައި ދިވެހި ފިލްމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމަށެވެ. ޝޯތައް ދައްކަން ހަމަޖެހިފައިވާ ދުވަސްތައް ފުލްވެ، އިތުރު ޝޯތަކެއް އަލުން ދައްކަން ނިންމާ ޖުމްލަ 37 ޝޯ އެއް ހައުސްފުލްކޮށް ވަނީ ދައްކާފައެވެ.

މި ފިލްމަކީ ފަހުގެ ތާރީހެއްގައި ބެލުނު އެންމެ ރީތި ދިވެހި ފިލްމު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ދިވެހި ފިލްމު ކަމަނާ އަކީ ދިވެހިރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާ ދެކޮޅަށް މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމައަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރެވެ.

ހއ. މޮޅަދޫގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ލީޑް ތަރީންގެ ތެރޭގައި މަރްޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) ހިމެނެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ. "ކަމަނާ" ފިލްމަކީ މާސްޓާޕީސްއެކެވެ.