މިހާރުވެސް ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތަށް އެދި ބުކިންތައް ލިބެމުން ދާކަމަށާއި، މި ހިދުމަތް މި މަހު 19 ގައި ފެށުމަށް ފުރިހަމައަށް ތައްޔާރީތައް ވެފައިވާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ މި ހިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި އެންމެ ފުރަތަމަ ބަންކަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ރޭވިފަވަނީ އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައިސީ ބެރިއާ" ނަމަކަށް ކިޔާ އުޅަނދެއް ގައި ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

މި އުޅަނދަކީ މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރާ އުޅަނދަކަށް ވާއިރު، މި އުޅަނދަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދުގައި 1100 ކޮންޓެއިނާ އުފުލުމުގެ ގާބިލުކަން ހުންނަ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ރާއްޖޭގައި ބަންކަރިންގެ ހިދުމަށް ފެށުމަށް ގެނައި ފުރަތަމަ އުޅަނދު މި މަހުގެ 9 ވަނަ ދުވަހު ވަނީ ހދ. ކުޅުދުއްފުށީގައި ބަނދަރު ކޮށްފައެވެ.

އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އެސްޓީއޯ ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް މީގެކުރިން ވަނީ މި ހިދުމަތް އެންމެ ފުރަތަމަ ފަށައިގަންނަނީ އެންމެ ބޮޑު ސައިޒުގެ ބޯޓުތަކުން ނޫންކަމަށް ވިދާޅުވެފައެވެ. ޝިމާދު ވިދާޅުވީ ވިޔަފާރި އިތުރަށް ފުޅާކުރެވެމުންދާ މިންވަރުން ބޯޓުތައް އިތުރަށް ބޮޑު ކުރަމުން ދާނެކަމަށެވެ.

އުތުރުގައި ފަށާ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގްބޯޓު މިދިޔަ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.