މުދަލަށް ގެއްލުން ދިނުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ތ. ތިމަރަފުއްޓަށް ނިސްބްތަވާ އުމުރުން 30 އަހަރުގެ އަންހެނެކެވެ.

ކްރިމިނަލް ކޯޓަށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްކުރި ކަމަަށް ބެލެވޭ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާދިސާގެ ރިޕޯޓް ހިމެނޭއިރު އޭނާގެ އަތުން ކަޓަރެއް ފެނުނު ކަމަށާއި، އަނިޔާ ލިބިފައިވާ މީހާއަށް ހަމަލާދީފައިވަނީ ކަޓަރުން ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭނާވަނީ މާރާމާރީ ހިންގިކަމަށް އިންކާރުކޮށް، އޭނާ އެތަނަށް ގޮސްފައިވަނީ ފޯނެއް ހޯދުމަށްކަމަށް ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް މި އަންހެން މީހާ ވަނީ މާލޭގައި ފޯނު ވިއްކާ ތަނަކަށް ވަދެ ސޭޓެއްގެ ކަރަށް ވަޅި ހަރާފައެވެ. މި އަންހެން މީހާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.