ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، ފެނަކައިގެ ޗެއާޕާސަން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އައްޔަންކޮށްފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު، ފެނަކަ އެސްޓީއޯގެ ދަށަށް ގެންނަން ސަރުކާރުން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވަައިފައެވެ.

ޝިމާދުގެ އިތުރުން، ފެނަކައިގެ ބޯޑަށް ނަން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މާޒިން ވަނީ އައްޔަންކޮށްފައެވެ.

އަންނަ އަހަރުން ފެށިގެން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށްޓަކައި އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ނިންމާފައިވަނީ އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުން ހިމަނައި އިންޓެރިމް ބޯޑެއް އެކުލަވާލުމަށެވެ.

މި ބަދަލާ އެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު އެސްޓީއޯ އަށް ލިބޭނެއެވެ. އޭގެ އިތުރުން އެސްޓީއޯ ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ފެނަކައިގެ ހިންގުން ހަރުދަނާކޮށް އެ ކުންފުނީގެ ކަންކަން ތަރުތީބުކުރުމާއި، ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިން ކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒުކުރުން ފަދަ ކަންކަމުގެ އިހްތިޔާރު އެސްޓީއޯ އަށް ލިބޭނެއެވެ.

ފެނަކައިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވަނީ އެސްޓީއޯއަށެވެ. އެގޮތުން އެސްޓީއޯއިން ކްރެޑިޓަށް ނެގި ތެލަށް ފެނަކައިން ދެ ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އެބަ އޮތެވެ.