މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާ އަށް ފޮނުވައިފިއެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހު ބާރު ސްޕީޑުގައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެ ސައިކަލުގައި އިން މީހާ ވިއްސައިގެން ދިއުމުގެ ސަބަބުން އެ މީހާގެ ބުރަކަށްޓާއި ކަނދުރާގައި ރެނދުލާފައި ވެއެވެ. މި އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ:

  • އިކްރާމުއްރަހްމާން، ހ. ނޫރަންމާގެއާގެ / މާލެ
  • އިބްރާހީމް އިކްރާމް، މ. ލޭންޑްއޮފްގާޑަން / މާލެ
  • ޖިނާހު އިސްމާއީލް، އާޒާދުގެ / ގއ. ކަނޑުހުޅުދޫ

މި ތިން މީހުންގެ ތެރެއިން އިކްރާމް ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށް އޭނާ އިތުރު އެއް މަސް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތިން މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، އެ އޮފީހުން ދައުވާތައް ބަލައިގެންފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮތް މީހުންނެވެ.

މީގެ އިތުރުން މި މަހުގެ ހަވަނަ ދުވަހު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ކާރު ދުއްވަން އިން 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ.