ފިޔާ ލިބުމުގެ ދަތިކަން ހައްލުކުރުމަށް މިއަދު 6،280 ފިޔާ ބަސްތާ ބާޒާރަށް ނެރޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މިދުވަސްކޮޅު ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި މިވަނީ އިންޑިއާއަށް މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާއެކު އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގައި ކުރިމަތިވި ޝޯޓޭޖެއްގެ ސަބަބުން ކަމަށެވެ.

މިހާރު ބާޒާރުގައި ފިޔާ ކިލޯއެއް އުޅެނީ 45ރ. އާއި 50ރ. އާ ދެމެދުގަ އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 600ރ. އާއި 750ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައިވެސް ފިޔާގެ އަގު ވަނީ އުފުލިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ފިޔާގެ އަގު އެންމެ މައްޗަށް އެރި އިރު ވެސް ބަސްތާއެއް 500ރ. އަށް ލިބެން ހުއްޓެވެ.

ސީއީއޯ ވަޖީހު ވިދާޅުވީ މި ޝޯޓޭޖް ރާއްޖޭގެ އިތުރުން ސްރީލަންކާއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ. ވަޖީހު ވިދާޅުވީ މިއަދުން ފެށިގެން މާލޭގެ ބާޒާރަށް ފިޔާ ނެރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އިންޑިއާއިން އައި 2 ބޯޓު ކަމަށްވާ "ބުލޫހާ" އިން 2،980 ބަސްތާ އަދި އެމްވީ ނިއުމަތު-2 އިން 3،300 ބަސްތާ ހިމެނޭހެން ޖުމްލަ 6،280 ބަސްތާ ފިޔާ މިއަދު ބާޒާރަށް ނެރޭނެ ކަމަށެވެ.

މީގެ އިތުރުން އިންޑިއާއިން މާދަމާ މާލެ އަންނަ ބޯޓުން ވެސް 3،300 ބަސްތާ ފިޔާ ބާޒާރަށް ނެރޭނެކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.