ރާއްޖެއިން އެމްޕޮކްސް ކޭސްއެއް ފެނުނު ކަމަށް ދެކެވޭ ވާހަކަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޮގުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެއިން އެމްޕޮކްސްގެ ކޭސްއެއް ފެނުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވަހަކައަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މިއަދާ ހަމައަށް އެމްޕޮކްސްގެ އެއްވެސް ކޭސްއެއް ރާއްޖެއިން ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެމްޕޮކްސްގެ ގިނަ އަދަދެއްގެ ކޭސްތަކެއް އެފްރިކާއިން ފެނިފައި ވާއިރު، އެފްރިކާގައި މި ބަލި ދަނީ ފެތުރެމުންނެވެ. އަދި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް އޮތް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.

މި އަހަރު މިހާތަނަށް އެފްރިކާއިން އެމްޕޮކްސްގެ 18,000 އަށްވުރެ ގިނަ ކޭސްތައް ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި އެމްޕޮކްސް ބަލި ޖެހި 629 މީހުން މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

އެމްޕޮކްސް ނުވަތަ މަންކީޕޮކްސްއަކީ އަކީ އެމްޕޮކްސްވައިރަސްއިން ޖެހޭ ބައްޔެކެވެ. މި ވައިރަހަކީ ސްމޯލްޕޮކްސް ޖެހޭ ވައިރަސް އާއި އެއް އާއިލާއެއްގެ ބައެކެވެ.

އިންސާނުންނަށް އެންމެ ފުރަތަމަ އެމްޕޮކްސް ޖެހިފައިވާކަން ރެކޯޑްކޮށްފައިވަނީ 1970 ވަނަ އަހަރު، މިހާރުގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. 2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރިގެން ދިޔައެވެ. 2022 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގެ 99،000 ކޭސް ވަނީ ފެނިފައެވެ.