ދުނިޔޭގެ ބައެއް ގައުމުތަކުން މަންކީޕޮކްސް (އެމްޕޮކްސް) ފެނި ފެތުރެން ފެށުމާއެކު ރާއްޖެއިން މި ބައްޔާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ފެތުރުން ކޮންޓްރޯލްކޮށް ބައްޔަށް ޓެސްޓްކޮށް ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަށެވެ. އަދި މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުވުމާއި، ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މަންކީޕޮކްސް (އެމްޕޮކްސް) ނަމަކަށް ކިޔާ ބައްޔެއްގެ އާ ވޭރިއެންޓެއް ބާރަށް ފެތުރެމުންދާތީ ޑަބްލިއުއެޗްއޯ އިން ވަނީ މި މަހުގެ 14 ވަނަ ދުވަހު ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ، މި ބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔެއް ނަމަވެސް ބަލީގެ އާ ސްޓްރެއިންއެއް ފެނި ދުނިޔޭގެ އެހެން ގައުމުތަކުންވެސް ބަލި ފެންނަން ފެށުމާ ގުޅިގެން ކަމަށެވެ. މިވަގުތު މި ބަލި ފެތުރެމުންދަނީ އެފްރިކާއާއި ރިޕަބްލިކް އޮފް ކޮންގޯގައި ކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ 2022 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގެ 99000 ކޭސް ފެނިފައިވާ ކަމަށެވެ.

އެމްޕޮކްސް މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމުކޮށް ފެތުރެނީ ޖިންސީ ގުޅުމުން ނަމަވެސް އެހެނިހެން ގޮތްގޮތުންވެސް ބަލި ފެތުރެއެވެ.

އެޗްޕީއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ މި ބައްޔާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެޗްޕީއޭއިން ބުނީ އެމްޕޮކްސްގެ ސްޓްރެއިންތަކަށް އަންނަ ބަދަލުތަކާ ގުޅިގެން އަދި ސީދާ އެބައްޔަށް ވެކްސިންއެއް ލިބިފައި ނުވިނަމަވެސް އެ ބަލީގެ އަލާމާތްތަކަށް ދޭންޖެހޭ ސަޕޯޓިވް ފަރުވާ ދެވޭނެ ކަމަށެވެ.