ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ މަންކީ ޕޮކްސް އިން އަރައިގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް މަންކީ ޕޮކްސް ޓެސްޓް ކިޓް ހަދިޔާ ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ، ޑަބްލިއުއެޗްއޯ އިން އެމްޕޮކްސް ޓެސްޓް ކިޓް ހަދިޔާކުރުމުން އެމްޕޮކްސްއާ ދެކޮޅަށް ތައްޔާރުވެ، އިޖާބަދިނުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބުނު ކަމަށެވެ. އެންމެން ގުޅިގެން މި ބަލިން އަރައިގަތުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރަމުން ދާ ކަމަށާއި ޑަބްލިއުއެޗްއޯއިން ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ފެތުރުން ކޮންޓްރޯލްކޮށް ބައްޔަށް ޓެސްޓްކޮށް ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އަދި މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކޮށް، ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ

މަންކީޕޮކްސް (އެމްޕޮކްސް) ނަމަކަށް ކިޔާ ބައްޔެއްގެ އާ ވޭރިއެންޓެއް ބާރަށް ފެތުރެމުންދާތީ ޑަބްލިއުއެޗްއޯ އިން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ، މި ބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔެއް ނަމަވެސް ބަލީގެ އާ ސްޓްރެއިންއެއް ފެނި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ބަލި ފެންނަން ފެށުމާ ގުޅިގެން ކަމަށެވެ.

މިވަގުތު މި ބަލި ފެތުރެމުންދަނީ އެފްރިކާއާއި ރިޕަބްލިކް އޮފް ކޮންގޯގައެވެ. 2022 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގެ 99000 ކޭސް ވަނީ ފެނިފައެވެ.

އެމްޕޮކްސް މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމުކޮށް ފެތުރެނީ ޖިންސީ ގުޅުމުން ނަމަވެސް އެހެނިހެން ގޮތްގޮތުންވެސް ބަލި ފެތުރެއެވެ.