ކުޅުދުއްފުށި ފަޅުތެރެއިން މިއަދު މަރުވެފައި އޮށްވާ ފެނުން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިރޭ މާލެ ގެންނަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކުޅުދުއްފުށި އުތުރު ބަނދަރު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، އެރަށު ޑެއިޒީ ފެހި މުހައްމަދު ހަސަން (36އ.) އެވެ. އޭނާ މަރުވި ސަބަބު އަދި ސާފު ނުވާ އިރު ފުލުހުން ގެންދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ބުނީ، މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8 ވެސް ޖެހިފަހުން ކަމަށެވެ.

މިއަދު ކުޅުދުއްފުށިން މީހަކު މަރުވެފައި އޮށްވާ ފެނިފައިވާއިރު އިއްޔެ ވަނީ ނ. ހޮޅުދޫގައިވެސް ގިނަ ޒަހަމްތަކަކާއެކު މީހަކު މަރުވެފައި އޮށްވާ ފެނިފައެވެ. ހޮޅުދޫ ގެެއެއްގެ ތެެރެއިން ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ އެވެ.

އޭނާގެ ހަށިގަނޑު ތަހްލީލުކުރުމަށްޓަކައި ރޭގެ ދަންވަރު ވަގުތެއްގައި މާލެގެނެސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުނުކުރާ ކަމަށާއި، މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.