ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ" މި ސުރުހީގެ ދަށުން އަދަދު ނޫހުން ޝާއިއުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ވެސް ހީނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ރިޔާސީ އިންތިހާބަށް ކެމޕްެއިން ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަދަދު ނޫހަކީ މި ސަރުކާރާ ދެކޮޅަށް ހަބަރު ގެނެސްދޭ ނޫހެކެވެ. އެ ގޮތުން ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އެ ނޫހުން ހަބަރުތައް ގެނެސްދޭ އިރު ބައެއް ހަބަރުތަކުގައި ރައީސް މުއިއްޒުގެ ނަންފުޅު ބޭނުންކޮށްގެން ހަބަރު ގެނެސްދީފައިވާ ތަން ފެނެއެވެ.

މިފަދަ ލިޔުންތައް ޝާއިއުކުރުމުން ރިޔާސީ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ވަނީ އެ ހަބަރުތަކަކީ ދޮގު މައުލޫމާތު ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ވެސް މިފަދަ ހަބަރުތައް ގޮދު ކުރައްވާފައި ވެއެވެ.