ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް މި އަހަރުގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ބީއެމްއެލްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ބީއެމްއެލުން ބުނީ، މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • ދިވެއްސަކަށް ވުން
  • 18 އަހަރުން މަތީގެ މީހަކަށް ވުން
  • ދަސްވެނިން ނުވަތަ ކޮލެޖަކުން ކިޔަވާ ފަރާތަކަށް ވުން
  • ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން
  • އެއް އަހަރަށް ވުރެ ކުރު މުއްދަތެއްގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

2018 ވަނަ އަހަރު ތައާރަފްކުރި މި ޕްރޮގްރާމް މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން ކާމިޔާބު ކަމާއެކު ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން 70 ޕަސެންޓް ބައިވެރިންނަށް ބޭންކުން ދާއިމީ ވަޒީފާ ދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.