ދުނިޔޭގެ ވެރިކަން އޮތް އެމެރިކާގެ ރިޔާސީ އިންތިހާބަކީ އެތައް ބަޔަކަށް މުހިންމު އިންތިހާބެއް ކަމަށް ވާއިރު ކަމަލާ އާއި ޓްރަމްޕްގެ ނިމިދިޔަ ބަހުސްގައި ދޮގާއި ތެދު ހިމެނޭ މިންވަރުގެ މައްޗަށް ނަޒަރު ހިންގާލަން ޖެހެއެވެ.

ދުނިޔޭގެ އެކިއެކި މަސްލަހަތުތަކާއި އެމެރިކާގެ ސިޔާސަތު ތަކާ ގުޅޭ މިންވަރާއި އެމެރިކާގެ ނުފޫޒު ދުނިޔޭގެ މައްޗަށް ފޯރުވާފައި އޮންން ނިސްބަތަށް ބަލާއިރު އެމެރިކާގެ ރައީސަކަށް ދެން ވެވަޑައިގަންނަވާ ބޭފުޅަކު ދައްކަވާ ވާހަކަ އެންމެނަށް ވެސް މުހިންމު ވެއެވެ.

އަންނަ ނޮވެންމަރުގައި އޮންނަ އިންތިހާބުގެ ކުރިން ކުރިއަށް ދާ އެކިއެކި މަރުހަލާތަކުގެ ތެރެއިން އަންގާރަ ދުވަހު ވަނީ ދެ ކެންޑިޑޭޓުންގެ ދެމެދުގައި ވަރުގަދަ ބަހުސެއް ބާއްވާފައެވެ. ފިލަޑެލްފިއާގައި އޮތް މި ބަހުސް މިނެ ކިރި ބައެއް ފަރާތްތަކުން ބުނަނީ، ޓްރަމްޕްގެ މައްޗަށް ކަމަލާ ކުރި ހޯއްދެވި ކަމަށެވެ.

ތިރީގައި މި ފާހަގަ ކޮށްލަނީ އެ ބަހުސްގައި 2 ބޭފުޅުން ދެއްކެވި ވާހަކައިން ފާހަގަ ކުރެވުނު ތެދާއި ދޮގު ހިމެނޭ މުހިންމު ބައިތަކެވެ.

ކަމަލާ ހެރިސް ނަތަންޔާހޫއާ ބައްދަލު ކުރައްވާފައެއް ނުވޭ

ޔަހޫދީ ބޮޑުވަޒީރު އެމެރިކާއަށް ގޮސް ކޮންގްރެސްގައި ވާހަކަ ދެއްކި އިރު ކަމަލާ އޭނާ އާ ބައްދަލު ކުރައްވާފައި ނުވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫއާ ބައްދަލު ކުރެއްވުމުގެ ބަދަލުގައި ކަމަލާ އުޅުއްވީ އޭނާ ހިމެނޭހެން އޮންނަ އަންހެނުންނަށް ހާއްސަ ޕާޓީއެއްގައި ކަމަށެވެ.

ޓްރަމްޕްގެ އެވާހަކައިގައި ކޮންމެވެސް ވަރެއްގެ ތެދެއް ހިމެނެއެވެ. އެއީ ޖުލައި 24 ވަނަ ދުވަހު އޮތް ކޮންގްރެސްގައި ނަތަންޔާހޫ ވާހަކަ ދައްކަން އޮތް ރަސްމިއްޔާތުގައި ކަމަލާ ބައިވެރިވެވަޑައި ނުގަންނަވާ ވާހަކައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ކަމަލާ ވަނީ ނަތަންޔާހޫ އާ ބައްދަލު ކުރައްވާފައެވެ. އެ ދުވަހަކީ ގާޒާގެ މައްސައިގައި ބަސް ވިދާޅުވެ މަޑުން ނުހުންނަވާނެ ކަމަށް ކަމަލާ ވިދާޅުވި ދުވަސް ވެސް މެއެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބި އިރު 85 ބިލިއަން ޑޮލަރުގެ ތަކެތި ދޫކޮށްލި

ބަހުސްގައި ޓްރަމްޕް ވަނީ އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ފޭބި އިރު 85 ބިލިއަން ޑޮލަރުގެ ތަކެތި އެގައުމަށް ދޫކޮށްލި ކަމަށް ވިދާޅުވެފައެވެ.

2021 ގައި ތާލިބާނުން އަފްގާނިސްތާނުގެ ސަރުކާރު ވައްޓާލައި ވެރިކަމާ ހަވާލުވި އެމެރިކާއިން ފެބީ ގިނަ އަދަދެއްގެ އަސްކަރީ ސާމާނު ތާލިބާނުންނަށް ދޫކޮށްލާފައެވެ. އެގޮތުން މިނިވަން އިންސްޕެކްޓާ ޖެނެރަލުން ހަދާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެމެރިކާއިން ފޭބި އިރު 7 ބިލިއަން ޑޮލަރުގެ އަގުހުރި އަސްކަރީ ސާމާނު އަފްގާނިސްތާނަށް ދޫކޮށްލި ކަމަށެވެ.

ހެއިޓީން އައި ހިޖުރަވެރިން ކަނީ ކުއްތާ އާއި ބުޅާ

ހެއިޓީން އެމެރިކާ އަށް ހިޖުރަ ކުރި މީހުން ކައި އުޅެނީ ކުއްތާ އާއި ބުޅާ ކަމަށާއި އެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އޮޅުކޮށްގެން ގެންގުޅޭ އެފަދަ ޖަނަވާރުތައް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ދޮގު ހައްދަވާފައެވެ.

ޓްރަމްޕްގެ އެވާހަކަތައް ދޮގު ކުރައްވައި އޮހިއޯގެ ސްޕްރިންގްފީލްޑްގެ ތަރުޖަމާން ވިދާޅުވީ، ހެއިޓީން އައި ވަޒަންވެރިން ބުޅަލާއި ކުއްތާ ހިފައިގެން ކާ ކަމުގެ އެއްވެއް ހެއްކެތް ފެންނަން ނެތް ކަމަށެވެ. ހަމަ އެހެންމެ އެ ސިޓީގެ ފުލުހުންވެސް ވަނީ އެފަދަ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. ސްޕްރިންގްފީލްޑުގައި ހެއިޓީއަށް ނިސްބަތްވާ 20،000 މީހަކު އުޅޭ އިރު އެމީހުން އެ ސިޓީއަށް ގޮސްފައި ވަނީ އެމެރިކާގެ ދާހިލީ ވުޒާރާއިން ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމުވެސް ފުރިހަމަ ކޮށްފައެވެ. އެ ޕްރޮގްރާމުގެ ދަށުން ކިއުބާ، ހެއިޓީ، ނިކަރާގުއާ އަދި ވެނެޒުއޭލާއަށް ނިސްބަތްވާ މީހުން އެ ސިޓީއަށް ވަދެފައި ވެއެވެ.

ޓްރަމްޕްގެ ޓެކްސް ޕޮލިސީއާއެކު މެދުފަންތިއަށް 4000 ޑޮލަރުގެ ޓެކްހެއްގެ ބުރަ

ޓްރަމްޕަށް ރައްދު ދެއްވަމުން ކަމަލާ ވިދާޅުވެފައި ވަނީ ޓްރަމްޕްގެ ޓެކްސް ސިޔާސަތުގެ ސަބަބުން މެދުފަންތީގެ އާއިލާތަކުން ޓެކްސް އަށް ކުރާ ހޭދައަށް 4000 ޑޮލަރު އިތުރުވެގެން ދާނެކަމަށެވެ.

ކަލަމާ މިވާހަކަ އަމާޒު ކުރައްވާފައި ވަނީ ޓެރިފާ ގުޅޭ ގޮތުން ޓްރަމްޕް ދެއްކި ވާހަކަ އެއް ޓެކްސް އާ ގުޅުވައެވެ. ޓްރަމްޕްގެ ޓެރިފް ސިޔާސަތުގައި އެމެރިކާއަށް އެތެރެ ކުރާ މުދަލުން 10-20 އާ ދެމެދު ޓެރިފެއް ނަގާ އިރު ޗައިނާގެ މުދަލުން 60 ޕަސެންޓާ ހަމައަށް ޓެރިފް ބޮޑުކުރަން އޮތީ ހުށަހަޅާފައެވެ. އެމެރިކާގައި ޓެރިފް ސިސްޓަމާއި ޓެކްސް ސިސްޓަމަކީ ވަކި ދެ ނިޒާމެއް ނަމަވެސް ޓެރިފަށް އަންނަ ބަދަލާއެކު މުދަލުގެ އަގަށް ބަދަލު އައުމުން ގަންނަ ފަރާތްތަކަށް ބުރައެއް އިހުސާސް ކުރެވޭނެއެވެ.

ވަޒީފާ ނެތް މީހުން އެންމެ ގިނަ ވީ ޓްރަމްޕްގެ ވެރިކަމުގައި

ޓްރަމްޕްގެ ނިމިދިޔަ ވެރިކަމުގައި އެމެރިކާ ވަނީ އިގުތިސޯދީ ތަދިކަމާއި އަދި ވަޒީފާ ނެތުމުގެ އެންމެ މަތީ ދަރަޖަ ދެކެފައި ކަމަށް ކަމަލާ ވިދާޅުވެ ދައްކަވާފައި ވާހަކަ އަކީ ދޮގެކެވެ.

އެމެރިކާގައި ވަޒީފާއަށް އެންމެ ބޮޑު އަސަރެއް ކުރި ކަމަށް ދައްކަނީ ކޮވިޑްގެ ވަބާ ފެތުރިގެން ދިޔަ ދުވަސްވަރު، އޭޕްރީލް 2020 ގައެވެ. އޭރު އެ އަދަދު ވަނީ 14.8 ޕަސެންޓަށް އަރާފައެވެ. އޭރު ވެރިކަން ނިންމާ ޓްރަމްޕް ވަޑައިގެންނެވި އިރު އެރޭޓް އޭނާ ވަނީ 6.4 އަށް ދަށް ކޮށްފައެވެ.

ވިހާފައި މަރަން ނުވަތަ އެބޯޝަން ހަދަން ޓްރަމްޕް ތާއީދު ކުރޭ

ކަމަލާ ވަނީ އުފަންވާ ދަރިންނަށް ހަދާނެ ގޮތް ނިންމަނީ ޑިމޮކްރެޓުން ކަމަށް ވިދާޅުވެ ޓްރަމްޕްގެ ބޮލުގައި ވަރުގަދަ ތުހުމަތެއް އަޅުވާފައެވެ.

ކަމަލާ އެވާހަކަ ގުޅުވާލީ ވާޖީނިއާގެ ކުރީގެ ގަވަރުނަރު އަދި ފިޒިޝަން ދެއްކެވި ވާހަކަ އަކާއެވެ. އޭނާ އޭރު ވިދާޅުވެފައި ވަނީ މާބަނޑުވެ ގަރުބަގަންނަ ދަރިއަކީ އައިބު ހުރެ ނުވަތަ އިތުރަށް ބޮޑުނުވާނެ ކަމަށް ދެނެގަނެވޭ ކުއްޖެއް ނަމަ މައިމީހާގެ ނިންމުމުގެ މައްޗަށް އެބޯޓް ކުރުމުގެ އިހުތިޔާރު ދޭނެ ކަމަށެވެ.

މިހަކަލަ ކިތަންމެ ދެބަސްވުމެއް ދެކެންޑިޑޭޓުންގެ ދެމެދުގައި ކުރިއަށް ދިޔަ އިރު އެ ބަހުސް އަށް ކޮމެންޓް ކުރި ގިނަ ފަރާތްތަކުން ބުނެފައި ވަނީ ކަމަލާގެ ވާހަކަތައް މާ ފުރިހަމަ ކަމަށާއި އެއީ ޓެއިލާ ސްވިފްޓް އިފެޓް ކަމަށެވެ. ލަވަކިޔުންތެރިޔާ ޓެއިލާ އަކީ އެމެރިކާގެ އިތުރުން ހުޅަނގާއި އަދި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ފަންނާނަކަށް ވާއިރު އޭނާގެ ޝޯއެއް އޮންނަ ނަމަ ހުރިހާ ޓިކެޓެއް ވިކި ހުސްވެއެވެ. އެހެން ކަމުން މިހާރުގެ ބައެއް ފަރާތްތަކުން ނުވަތަ އެކަޑީމިއާ އިން ޓެއިލާގެ އެ ހުނަރަކީ މާކެޓިން ތިއަރީއެއް ކަމުގައި ދެކި 'ޓެއިލާ އިފެކްޓް' ގޮތުގައި ވެސް ބޭނުން ކުރެއެވެ.