445 ދަރިވަރުންނާއެކު އޭލެވެލް ޓޮޕް ޓެން ޖަލްސާ މި ހަފްތާގެ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ދަރުބާރުގޭގައި ބާއްވާ "މަތީ އަރުތަވެރިންގެ އިނާމު" ހަފުލާގައި އިނާމު ދޭނީ 2022-2023ގެ މެއި/ޖޫން އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޖަލްސާ ކުރިއަށް ދާނީ ތިން ދަން ފަޅިއަކަށް ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ގައި ފުރަތަމަ ދަންފަޅި ބާއްވާއިރު ދެވަނަ ދަންފަޅި މެންދުރު 13:00 ގައި އަދި ތިންވަނަ ދަންފަޅި ބާއްވަން ހަމަޖެހިފައިވަނީ ރޭގަނޑު 20:00 ގައެވެ.
2022-2023 ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގައި 2849 ދަރިވަރުން މަތީ ސާނަވީ އިމްތިހާން ފުރިހަމަކޮށްފައިވާއިރު މީގެ ތެރެއިން 445 ދަރިވަރަކު މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ވަނީ ހޯދާފައެވެ. އަދި ވަކިވަކި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 20 ދަރިވަރަކު ވަނީ ހޯދާފައެވެ.
އޭލެވެލް ޓޮޕް ޓެންގެ 1 ވަނަ 16 ދަރިވަރަކު ހޯދާފައިވެއެވެ. އެއްވަނައިގައި ހިމެނުނު 16 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ 6 ދަރިވަރުންނާއި ސީއެޗްއެސްއީގެ 6 ދަރިވަރުންގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 4 ދަރިވަރުންނެވެ.
މި ޖަލްސާގައި އޭލެވެލްގެ އިތުރުން އޯލެވެލްއިންވެސް ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.