ސޯސަން މަގުގައި ހުރި ކެފޭއެއްގައި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު، ދެ މީހަކަށް ވަނީ ދުމުގެ އަސަރުކޮށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

ފުލުސް އޮފިސަރަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުފެ ހާދިސާ ހިނގި ވަގުތު އެތާ ކައިރީ ތިބި ދެ މީހަކަށް ދުމުގެ ސަބަބުން ގެއްލުންވެ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެއީ ރާއްޖެއިން ބޭރުގެ އުމުރުން 30 އަހަރުގެ އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

އަދި މި ދެމީހުން ފިޔަވާ އިތުރު މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މެންދުރުފަހު 14:47 ހާއިރު ރޯވި މި އަލިފާން ގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ. މި އަލިފާން ގަނޑުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، ވީޑިއިން ފެންނަ ގޮތުގައި އެ ތަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވެއެވެ. އަދި އެތަނަށް އެވަގުތު ގިނަ އަދަދެއްގެ މީހުންވެސް ތިބީ އެއްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކެފޭގެ މަތީ ދެ ފުލޯ ބޭނުންކުރަނީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައެވެ. އެ ކެފޭއާ ޖެހިގެން ހުރި ދިވެހިން ދިރިއުޅޭ ގެއަކަށް ވެސް އަލިފާނުގެ އަސަރު ކޮށްފައި ވެއެވެ.