ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމަކް އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ބީއެމްއެލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ، އެ ބޭންކްގެ ސީއީއޯގެ މަގާމުން ކާލް އިސްތިއުފާދެއްވީ އިއްޔެ ކަމަށެވެ. އެކަމަކު މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޭންކްގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ އާ ހަމައަށް އޭނާ ހުންނަވާނެ ކަމަށް ވެސް އެ ދެންނެވުމުގައި ވެއެވެ.

އެހެންކަމުން އާ ސީއީއޯ އެއް ހޯދުމަށް ކުރިއަށްދާ މުއްދަތުގެ ތެރޭގައި ބީއެމްއެލް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ކަމަށް ވެސް، އެ ދެންނެވުމުގައި ވެއެވެ.ކާލްގެ އިސްތިއުފާ އާ ގުޅިގެން، އާ ސީއީއޯ އެއް އަންޔަން ކުރުމަށްޓަކައި ބޭންކުން ވަނީ މަސައްކަތް ފަށައިފައެވެ.އޭނާ އިސްތިއުފާ ދެއްވީ ރުފިޔާ ކާޑުތަކަށް ޑޮލަރު ދިނުން ބީއެމްއެލުން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން، ސިޔާސީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރިކަމަށް ތުހުމަތު ކުރާ މައްސަލައެއް ތަހްގީގުކުރަން ފުލުހުން ފަށާފައި ވަނިކޮށެވެ.ސަރުކާރުން ބުނީ، އެ މައްސަލައިގައި ބީއެމްއެލުން މަޝްވަރާކުރި ނަމަވެސް، ފަހު ނިންމުން ނިންމީ ސަރުކާރުން ބޭނުންވި ގޮތަކަށް ނޫން ކަމަށެވެ. ޑޮލަރު ލިމިޓުކޮށް ރުފިޔާ ކާޑުތަކުން ޑޮލަރު ބޭނުންނުކުރެވޭ ގޮތަށް ހެދި މައްސަލައިގައި މިއީ ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ދޭހަވާގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވާފައިވެއެވެ.