ދިވެހިރާއްޖޭގައި ބިނާވެށި ޕްލޭންކޮށް ހިންގުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ
މި ބިލަކީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
އެ ބިލްގައިވާ ގޮތުން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ. އަދި އެ ގާނޫނު ތަންފީޒު ކުރުމުގެ އިސް ޒިންމާ އަދާކުރާނީ ޕްލޭނިން މިނިސްޓަރެވެ.
މި ބިލުގެ މަގްސަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވައިލަން ޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވާތީ، އެ ފަދައިން އެ ބަދަލުތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައުމެވެ.
މި ބިލުގައި ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާ ގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަން ވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށް ގާނޫނު އިސްލާހުކޮށްފައި ވެއެވެ.
މި ބިލުގައި "ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން" މާނަކޮށްފައި ވަނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށަކަށް، އެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވައިލާ "އައިލެންޑް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން" އަށް ނުވަތަ ދިވެހިރާއްޖޭގައި ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށަކަށް ނުވަތަ ސަރަހައްދަކަށް، އެ ރަށެއް ނުވަތަ ސަރަހައްދެއް ނިސްބަތްވާ ސިޓީ ކައުންސިލުން އެކުލަވައިލާ "ސިޓީ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން" އަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމުން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެންނެވެ.