ފުވައްމުލައް ސިޓީގެ ބަނދަރު ސަރަހައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމަށް އެ ސިޓީގެ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެރަށުގެ ބަނދަރު ސަރަހައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައި ވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެން ކަމަށާއި ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 100 ޑޮލަރު ކަމަށެވެ. ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށް ކަމަށާއި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި އެއް ޕްރޮޕޯސަލް ކަމަށް ފުވައްމުލައް ކައުންސިލުން ބުނެއެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިން ރޫމްގައި އޮންނާނެއެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް، ބިޑް ގަންނަން ބޭނުންވާ ކުންފުނީގެ ނަމާއި އެޑްރެސް، ފޯން ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސް މެއިލްކުރުމަށް ކައުންސިލުން ބުނެފައި ވެއެވެ.

ބިޑް ވިއްކުން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ދެމެދުގައި ކަމަށް އެ ކައުންސިލުން ބުނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 9:00 ކަމަށް ވެސް އެކައުންސިލުން ބުނެއެވެ. އަދި ބީލަން ހުށަހެޅުން ކުރިއަށް ދާނީ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ.