ވަރަށް ގިނައިން ރާއްޖެއަށް އަންނަ އިންޑިއާ މީހަކު މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތުޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާންއެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 5 ދުވަސްޖަހާފައިވާއިރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ އޭނާގެ އަތުން ގިނަ އަދަދަކަށް ޑޮލަރު ފެނިފައިވާކަމަށެވެ. އަދި ފައިސާ ހޯދި ގޮތް ފުލުހުންނަށް ސާފުކޮށްދީފައި ނުވުމާއެކު ރާއްޖެ އެތެރެވެ، ޖެހިގެން އަންނަ ދުވަހު އޭނާ އަބަދުވެސް ފުރައިގެން ދާތީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަމަށެވެ.
މީގެ އިތުރުން ކޯޓު އަމުރުގައި ވަނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައި ވަނީ 24 ގަޑިއިރު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ބުނެ އޭނާގެ ދިފާއީ ވަކީލުން ހައްޔަރު އިޖުރާއަތުތައް ރަނގަޅު ނޫން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ފުލުހުން ބުނެފައި ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް އޭނާގެ ގެންދިޔަ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރި ކަމަށެވެ.
މި މައްސަލާގައި ކަސްޓަމްސްގެ ބެލުމުގައި ދަށުގައި އޭނާ ހިފެހެއްޓުމަށް ފަހު، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވުނު ހިސާބުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަކަން ލިޔެކިޔުންތައް އެނގޭ ކަމަށް ކޯޓު އަމުރުގައިވަނީ ބުނެފައެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތުން ފެށިގެން ކޯޓަށް ހާޒިރުކުރި ވަގުތާ ދެމެދުގައި 24 ގަޑިއިރު ފާއިތުނުވާ ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވާއިރު އޭނާގެ ބަންދާ މެދުގައި ގޮތް ނިންމުމުގައި ބެލި ކަންކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ގޮތުން ޖިނާއީ ތުހުމަތަކަށް ނުވާ ގޮތަށް ކަސްޓަމްސްގެ ގާނޫނުގެ ދަށުން މީހަކު ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް ކަސްޓަމްސަށް ލިބިގެންވާއިރު، ހަމަ އެގޮތަށް މީހަކު ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް އިމިގްރޭޝަނަށް ވެސް ގާނޫނުން ލިބިފައިވާ ކަމަށް މި އަމުރުގައިވަނީ ބުނެފައެވެ.
އޭނާ ބަންދުކުރަން އަމުރުކުރި ސަބަބުތައް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތުކުރެވުމުގެ އިތުރުން އޭނާ އަތުން ފެނުނު ފައިސާ ލިބިފައިވާ ގޮތް ސާފުކޮށްދެވިފައި ނުވާކަމަށެވެ. އަދި އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު، ޝައްކުވާ ފަދަ އަމަލުތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު އޭނާގެ ނަން ވެސް ޕާސްޕޯޓުން ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ދިފާއީ ވަކީލުން ބުނީ އޭނާގެ އަތުން ހިފަހައްޓާފައިވާ ފައިސާއަކީ ސައްހަ ފައިސާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑާކުރުމުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާކަމަށެވެ. ފުލުހުން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވެސް ބަންދުނުކޮށް ހުރިކަން ފާހަގަކޮށް، ހަރުކަށި ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ބަންދުން ދޫކޮށްލުމަށް ވަކީލުން ވަނީ އެދިފައެވެ.