ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ނުހިމަނައި ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސްގެ އިތުރުން ހަ މެންބަރުން ހިމެނޭ ގޮތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ 9 މެންބަރުންނެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ) ހުށަހެޅި އިސްލާހުގައި ބުނާގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ނުހިމެނޭނެއެވެ. އެހެންކަމުން ދެން ކޮމިޓީގައި ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި އިތުރު 7 މެންބަރުންނެވެ.

މި އިސްލާހު ގެނައި އެންމެ ބޮޑު ސަބަބަކީ ކޮމިޓީގައި ތިއްބަވާ މެންބަރުންނަށް ޖެހިލުމެއްނެތި ހިޔާލު ފާޅު ކުރެވޭނެ މަގު ފަހި ކޮށްދިނުން ކަމަށް ސަރުކާރުން ބުނެއެވެ. އަދި ހަމައެހެންމެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އިންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މިހާރުގެ ބަންޑާރަ ނައިބު، އުޝާމުވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި ބަދަލާ ގުޅިގެން ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް އިންތިހާބުކުރަންޖެހޭ މެންބަރު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބުކޮށް ނިންމަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އޭގެއިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމުގެ ހުއްދަ ލިބިދެވޭގޮތަށް ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެވޭ ތަންތަނާ ގުޅޭ މާއްދާއަށްވެސް މި ބިލުން އިސްލާހު ގެނެސްފައިވެއެވެ.