ރާއްޖެގައި އިމްޕޯޯޓާއި އެކްސްޕޯޓުގެ ވިޔަފާރިކުރާ ފަރާތްތަކަށް 'ޓްރޭޑިއަން'ގެ ނަމުގައި ނޭޝަނަލް ސިންގަލް ވިންޑޯގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕްލެޓްފޯމެއް މިއަދު ތައާރަފްކޮށްފިއެވެ.

މި ޕްލެޓްފޯމް ތައާރަފްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

މި އަހަރު ފަހުކޮޅު ބޭނުންކުރަން ފަށަން ހަމަޖެހިފައިވާ މި ޕްލެޓްފޯމްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާ އެކު ހިދުމަތްދިނުމަށް މަގުފަހިވެގެން ދާނެއެވެ. އިމިގްރޭޝަނާއި އެމްޕީއެލް އާއި ކަސްޓަމްސް ފަދަ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަތައް ޓްރޭޑިއަން މެދުވެރިކޮށް ހޯދޭނެއެވެ.

ނޭޝަނަލް ސިންގަލް ވިންޑޯ މަޝްރޫއު ހިންގަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓްރޭޑްނެޓް ކުންފުންޏާއި ކަމާ ބެހޭ އިދާރާތަކުން ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރޭޑްނެޓްގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ، ނޭޝަނަލް ސިންގަލް ވިންޑޯގެ ބޭނުމަކީ ރާއްޖެ ވިޔަފާރީގެ މާހައުލު ވިޔަފާރިތަކަށް ފަހި މާހައުލެއްގެ ގޮތުގައި ބައްޓަންކުރުން ކަމަށާއި، މި މަސައްކަތް ކުރަނީ ކަމާ ބެހޭ ހުރިހާ އިދާރާތަކުން ގުޅިގެން ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

ސިންގަލް ވިންޑޯ އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރުގައެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކަށް ފަންޑު ހޯދަން ހުށަހެޅުމުން، މަސައްކަތަށް ފައިސާ ހަމަޖެހުނީ 2019 ވަނަ އަހަރުގައެވެ.