ޔޫކްރައިން ހަނގުރާމަ ފެށިފަހުން ޑްރޯން ބޭނުންކޮށްގެން މިހާތަނަށް ދޭން މަސައްކަތް ކުރި އެންމެ ވަރުގަދަ ހަމަލާ ރަޝިއާ އިން ނާކާމިޔާބު ކޮށްލައިފިއެވެ.
15 ސަރަހައްދަކަށް އަމާޒު ކޮށް ޔޫކްރައިން އިން ފޮނުވާލި 155 ޑްރޯން ވައްޓާލާފައި ވާ ކަމަށް ރަޝިއާއިން ބުނެއެވެ.
އެ ގައުމުގެ ދިފާއީ ވުޒާރާއިން ބުނީ، އޭގެ ތެރެއިން 46 ޑްރޯން އެއް ވައްޓާލީ ޔޫކްރައިން ސިފައިން ވަދެ މިހާރު ހިފައިގެން ތިބި ކާސްކްގެ މަތިން ކަމަށެވެ.
ދެވަނަ ބޮޑުހަނގުރާމައަށް ފަހު ރަޝިއާގެ ބިމަށް އެރި ފުރަތަމަ ބޭރުގެ ފައުޖުގެ ގޮތުގައި ޔޫކްރައިން ހިމެނިގެން ދިޔަ އިރު އެމީހުން ވަނީ ކާސްކް ސަރަހައްދުން 100 އަވަށެއް ހިފާފައެވެ.
އިއްޔެ އާއި ރޭ ދިން މި ޑްރޯން ހަމަލާތަކުގެ ތެރެއިން 28 ޑްރޯނެއް ބްރިޔާންސް ސަރަހައްދަށް އަމާޒު ކުރި އިރު 28 ޑްރޯން ވަނީ ވޮރޮނޯޒް އަށް އަމާޒު ކޮށްފައެވެ.
އަދި ބެލްގޮރޮޑް ސަރަހައްދަށް 14 ޑްރޯން ފޮނުވާލި އިރު މޮސްކޯއަށް އަމާޒު ކޮށް ވަނީ 2 ޑްރޯން ފޮނުވާލާފައެވެ.
ރަޝިއާގެ އިދާރާތަކުން ބުނީ، މިހުރިހާ ޑްރޯނެއް މަތަކޮށް ހަމަލާ ނާކާމިޔާބު ކޮށްލި ނަމަވެސް 15 ޑްރޯނެއް ރަޝިއާގެ އެކި ސަރަހައްދު ތަކަށް ވެއްޓުނު ކަމަށެވެ. އެހެން ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވާލި ކަމަށް ވެސް ބުނެއެވެ.
ޔޫކްރައިން އިން ރަޝިއާ އަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައި ވަނިކޮށް ރަޝިއާ އިން ވަނީ މިސައިލުން ޔޫކްރައިން އަށް ހަމަލާ ދީފައެވެ. މީގެ ތެރެއިން އެއް ހަމަލާއެއްގައި ޝޮޕިން ސެންޓަރަކަށް ގެއްލުން ވެ 44 މީހަކު ޒަހަމްވި ކަމަށް ޔޫކްރައިން ގެ ހަބަރުތަކުން ބުނެއެވެ.