މިއަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ފަށައިފިއެވެ.

ޕީކް ސީޒަންއަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޝަން (އެފްއެމްޔޫޑީ)އިން ވަނީ "ވިންޓާ ޕްރެޕް ކިކްއޮފް 2024"ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވާފައެވެ.

އެމްއޭސީއެލްއިން ބުނީ މިއިވެންޓްގެ މަގްސަދަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާއި ހިއްސާކޮށް ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމްކުރުން ކަމަށެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވަމުންދާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ގާއިމްކުރުމަށް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެގޮތުން މިހާރު ބޭނުންކުރާ ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމާއި، މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމުގެ އިތުރުން ޓާމިނަލް ރީތިކުރުމަށް ފެސިލިޓީސް މެނޭޖްމެންޓުން ވަނީ މަސައްކަތް ފަށާފައެވެ.

އިވެންޓުގައި ވާހަކަ ދައްކަވަމުން ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެފްއެމްޔޫޑީގެ އިވެންޓްއަކީ ރޭވިފައިވާ މަސައްކަތުގެ ފެށުމެއްކަމަށެވެ. ކުންފުނީގެ އެތެރޭގައި ކުރެވޭ މަސައްކަތްތައް މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދިޔުމަކީ ކުރިއެރުމެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެކަމުގެ ޔަގީންކަން ޝަރީފް ދެއްވެވިއެވެ.

މި އިވެންޓްގައި އެފްއެމްޔޫޑީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައިވާއިރު، ޑިޕާޓްމަންޓްތައް ގުޅިގެންކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.