ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން، ރައީސް އިފްތިތާހުކުރެއްވި ފަސްމިލިއަން ގަސް ޕްރޮގްރާމްގެ ތެރެއިން 5 ލައްކަ ގަސްއިންދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވާއިރު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 30371 ގަސް އިންދައިފިއެވެ.

ސްޓެލްކޯއިން ބުނީ 5 ލައްކަ ގަސްއިންދުމުގެ އަމާޒަށް ވާސިލުވުމުގެ ގޮތުން ކުރިއަށް އޮތް ކޮންމެ މަހަކުވެސް ގަސް އިންދުމުގެ ޕްރޮގްރާމް ސްޓެލްކޯއިން ހިދުމަތް ދޭ ރަށްރަށުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ސްޓެލްކޯގެ އަމާޒަކީ މިއަހަރު ތެރޭގައި 25000 ގަސް އިންދުން ކަމަށް އެކުންފުނިން ބުނެއެވެ. އެގަސްތައް އިންދާނީ ސްޓެލްކޯއިން ހިދުމަތްދޭ 33 ރަށުގައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ އެ ކުންފުނިން ބާއްވާ ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށްވެސް ވާސިލުވުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވެފައެވެ.

ސްޓެލްކޯއިން ބުނީ ގަސް އިންދުމަށްފަހު އެ ގަސްތައް ބެލެހެއްޓުމަށްޓަކާ ކޮންމެ ރަށެއްގައި ވެސް 'ގްރީން އޭޖެންޓެއް'ގެ ގޮތުގައި އެކުންފުނީގެ މުވައްޒަފަކު ހުންނާނެ ކަމަށެވެ. ސްޓެލްކޯއިން މި މަސައްކަތް ކުރަނީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ.