ސްމާޓް ގްރިޑް ހަރުކުރުމުގެ މަޝްރޫއު ގާތްގަނޑަކަށް ނިމި، ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ގޭބިސީއެއްގައި ސްމާޓް މީޓަރު ހަރުކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ހުރިހާ އިންޖީނުތަކެއް ހިންގަމުން ދަނީ ސްމާޓް ގްރިޑަކަށް ބަދަލުކޮށް، ޑިޖިޓަލްކޮށް ކަމަށާއި، އެއީ އޮފީހުގައި ތިބެގެން ޓްރާންސްފޯމަރުތައް ޖައްސައި ނިވޭ، އަދި ކަލްކިއުލޭޝަން ލޯޑު ނެގޭ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ހުރިހާ ރަށެއްގައި ވެސް ސްމާޓް ގްރިޑް ހަރުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ހެން ނިމިފައިވާ ކަމަށާއި، ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ، ހުރިހާ ރަށްރަށެއްގައި ވެސް ސްމާޓް ގްރިޑް ހަރުކުރުމުގެ ބޭނުމަކީ ސްމާޓް މީޓަރަށް ދިއުން ކަމަށާއި، އޭރުން ރަށްރަށުގެ އިންޖީނުތައް ހިނގާގޮތާއި އިންޖީނުތަކުގެ ލޯޑު އެނގި، ގްރިޑް ސްޓްރީމްލައިންކުރެވުމުގެ ސަބަބުން ތެލުގެ ހަރަދުތައް ކުޑަވެގެން ދާނެ ކަމަށެވެ.
ސްމާޓް ގްރިޑް ހަރުކުރުމުގެ ސަބަބުން ގޭބިސީތަކުން ކަރަންޓު ކެނޑިފައި ހުންނަ ވަގުތުގެ ނިސްބަތް 260 މިނެޓުން 93 މިނެޓަށް މަދުކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރަން ނިންމިކަން ހާމަކޮށްފައިވަނީ ދ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓު މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެތެރޭ ސްމާޓް މީޓަރު ހަރުކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހީމް ވިދާޅުވެފައި ވަނިކޮށެވެ.