އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިފިއެވެ.

ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރިއަށް އެއްވެ، އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް އިއްޔެ ވަނީ ދެ އަންހެނުން ހައްޔަރު ކޮށްފައެވެ. އެއީ ކ. މާލެ، މ. ބަޑިކުޅިމާގެ، އާއިޝަތު ޝާދިޔާ އަދި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޒުރާ އިބްރާހިމް އެވެ. މީގެ ތެރެއިން ޝާދިޔާ އަކީ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުންނެވެ.

އިއްޔެ ފުލުހުން ބުނީ އެ މީހުން ހައްޔަރު ކޮށްފައި ވަނީ އެމީހުން އެއްވެ ތިބި ސަރަހައްދުގައި އަޑުގަދަ ކުރަމުން ދިއުމުން، އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެކަމަށް އިޖާބަނުދީ، ފުލުހުންގެ ވާޖިދު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ މީހުން ތިން ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އިޒްރޭލާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން މި ދެ ފަރާތް ހައްޔަރު ކުރި ކުރުން އަދާލަތު ޕާޓީ އިން ވަނީ ކުށްވެރި ކޮށްފައެވެ.

އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށާއި، ވަކިން ހާއްސަކޮށް މަސްޖިދުލް އަގްސާގެ ދިފާއުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.