ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބިވަޑައިގެންނެވި އަނިޔާއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކެވުމަށް ފަހު "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމުގެ އިތުރުން މީގެ ދެތިން އަހަރު ކުރިން ހެއްދެވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއަކަށް މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު އާރަށުގެ ފާހަނާއެއްގައި ހުންނަވަނިކޮށް ވެއްޓި އައިޖީއެމްއެޗުން ފަރުވާ ހޯއްދެވި ކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވާފައެވެ.

ރައީސް ވަނީ އެމަނިކުފާނަކީ މާ ކުޅިވަރު މީހަކަށް ނުވިޔަސް، އާރަށުގައި އޮންނަ ދަނޑުގައި ހަފްތާއަކު ދެ ތިން ދުވަހު ފުޓްބޯޅަ ކުޅުއްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.