ކަރަންޓުގެ ހިދުމަށް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ހާއްސަ ހޮޓްލައިން ނަންބަރެއް ގާއިމް ކޮށްފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މިއީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ފަސޭހަކަމާ އެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވި އޮތް މަސައްކަތެއް ކަމަށެވެ.

މި ކޯލް ސެންޓަރެއް ގާއިމް ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތާއި، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާއި ގުޅުންހުރި އެ ނޫންވެސް ކަންކަމުގައި ރައްޔިތުންނަށް ފަސޭހަ ވާނެހެން ކަންކަން ކޮށްދިނުމަށް ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއާގެ ހިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތް ކުރެވޭނެ ކަމަށް ވެއެވެ.

އަދި އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

މި ކޯލް ސެންޓަރު ގާއިމް ކޮށްފައިވަނީ ސްޓެލްކޯގެ އިމާރާތުގައި މިހާރު ހުންނަ ފިހާރައާ އެއްކޮށްލައި ކަސްޓަމާ ކެއާއަށް މިހާރު ހާއްސަ ކޮށްފައިވާ ޖާގަ ބޮޑު ކުރުމަށްފަހު އެވެ. އަދި ކޯލް ސެންޓަރަށް ގުޅޭނެ ހޮޓްލައިން ނަމްބަރަކީ 1545 އެވެ.