ޕެންޝަން ފައިސާގެ ގޮތުގައި އޮޅިގެން ބައެއް އެކައުންޓުތަކަށް 15،000ރ ބީއެމްއެލް އިން ފޮނުވައިފިއެވެ.

މި މަހުގެ ޕެންޝަން ފައިސާގެ ގޮތުގައި އުމުރުން 65 އަހަރުން މަތީގެ ބައެއް މީހުންގެ އެކައުންޓަށް ބީއެމްއެލްއަށް އޮޅިގެން 15،000ރ ޖަމާކުރެވިފައިވާއިރު، މި ފަރާތްތަކަށް ކޮންމެ މަހަކު ޖަމާކުރަން ޖެހެނީ 5000ރ. އެވެ.

ޕެންޝަން ފަންޑުން ކޮންމެ މަހަކު ވެސް ބޭސިކް ޕެންޝަންގެ ގޮތުގައި 23،000 މީހުންނަށް ފައިސާ ޖަމާކުރާއިރު މި މައްސަލަ އާއި ގުޅިގެން ޕެންޝަން އޮފީހުން ބުނީ އެ އިދާރާގެ އެކައުންޓުން ކެނޑިފައި ވަނީ ޕެންޝަނަށް ވީ އަދަދު ކަމަށެވެ. އެހެންކަމުން އިތުރަށް ޖަމާވީ ބީއެމްއެލް އަށް އޮޅިގެން ކުރެވުނު ކަމަކުން ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

މި ޓްރާންސެކްޝަންތައް ރިވާސް ކުރުމުގެ މަސައްކަތް މިހާރު ބީއެމްއެލް އިން ދަނީ ކުރަމުންނެވެ.

ޕެންޝަން ފައިސާގެ ގޮތުގައި އޮޅިގެން ބައެއް އެކައުންޓުތަކަށް 15،000ރ ބީއެމްއެލް އިން ފޮނުވާފައިވާއިރު، މިދިޔަ މަހު ބީއެމްއެލް އިން ވަނީ ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންގެ މުސާރަ އަށް 77 ބިލިއަން ޑޮލަރު އޮޅިގެން ފޮނުވާފައެވެ. މިކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ ބައެއް މީހުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ޑޮލަރު އަދި ފައިސާ ޖަމާކުރެވުނީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި ހިއުމަން އެރޯއެއްގެ ސަބަބުން ކަމަށެވެ.

މި އެކައުންޓުތައް ދެނެގަނެ އެ ފައިސާ ވަނީ އަނބުރާ ހޯދާފައެވެ. މިކަމުގެ ސަބަބުން އެއްވެސް ކަހަލަ މާލީ ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މިއީ ބަލްކް ޕޭމެންޓް ޕްރޮސެސްއަށް ގެނައި ބަދަލަކާއި ގުޅިގެން ދިމާވި ކަމެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއަށް ދިމާވި މި މައްސަލައާއެކު ބީއެމްއެލް މޯބައިލް އެޕްގެ ހިދުމަތް އެދުހު ވަނީ 3 ގަޑިއިރެއް ހާއިރަށް މެދުކެނޑިފައެވެ.