ސިނަމާލެ ބްރިޖްގެ ޑިޒައިންގައި އޮތީ 4 ލޭންކަން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސާބިތުކޮށްދެއްވައިފިއެވެ.

ސިނަމާލެ ބްރިޖްގެ ޑިޒައިންގެ ވީޑިއޯ އާންމުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބް ވިދާޅުވީ ބްރިޖްގައި ހެދުމަށް ހަމަޖެހިފައި ވަނީ ކިތައް ލޭންކަން އެ ޑިޒައިންއިން އެނގިގެންދާ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ބްރިޖް އަޅާފައި ވަނީ ޑިޒައިން ކުރި ގޮތާ ހިލާފަށް ލޭނެއް މަދުކޮށް ކަމަށް ވާހަކަދެކެވެމުންދާ ވަގުތެއްގައެވެ. ނަމަވެސް ބްރިޖް އަޅާފައި ވަނީ ރައީސް އޮފީހުން އާންމުކޮށްފައިވާ ބްރިޖްގެ ޑިޒައިނާ އެއްގޮތަންކަން މިނިސްޓަރު ވަނީ ސާބިތުކޮށްދެއްވާފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ބަރިޖް ހުޅުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ބްރިޖްގެ ލޭންއެއް މަދުކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކޯފާ އިސްކުރައްވާ އެއްޗެހި ކިޔުއްވި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވަނީ މުއިއްޒު ކީރިތި ކުރައްވަންދެން އެއްޗެހި ކިޔުއްވާފައެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު ވެސް ރައީސް ޔާމީންއާއެކު ވަނީ ބްރިޖްގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބަލާލައްވާފައެވެ. އެހެން ކަމުން ބްރިޖްގައި ލޭންއެއް މަދުކަން ނުވަތަ ބްރިޖް އަޅާފައި ވަނީ ޑިޒައިން ކުރި ގޮތާ ހިލާފަށްކަމަށްވާނަމަ، އެކަން ރައީސް ޔާމީންއަށް އެނގިވަޑައިގަންނަވާނެވެ.