ބީއެމްއެލްގެ ބޯޑަށް ބަދަލު ގެނައުމަށް އަންނަ މަހުގެ 21 ވަނަ ދުވަހު ހިއްސާދާރުންގެ ޖަލްސާއެއް ބާއްވަން އިއުލާން ކޮށްފިއެވެ.

އެމްއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބޭއްވުމަށް ނިންމާފައި ވާކަމަށެވެ. އްސާދާރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފިނޭންސް މިނިސްޓްރީން މި މަހުގެ 24 ވަނަ ދުވަހު އެދިފައިވާއިރު ބީއެމްއެލް އިން ބުނީ އެ ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވާ މީހުންނަށް ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ އެ ޖަލްސާގެ އެޖެންޑާގައި ހިމެނޭނީ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުން ކަމަށެވެ. އަދި އެ ބައްދަލުވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެހެންނަމަވެސް މިވަގުތު ބީއެމްއެލްގެ ބޯޑުގައި ތިބީ 8 މެންބަރުންނެވެ.

ބީއެމްއެލްއިން ބޯޑަށް ބަަދަލު ގެންނަ އީޖީއެމްއެއް ބާއްވާއިރު، މިދިޔަ އާދިއްތަ ދުވަހު އެ ބޭންކުން ރުފިޔާ ކާޑަށް ޑޮލަރު ދޫނުކުރަން ނިންމުމާއި ގުޅިގެން ސަރުކާރުގެ ފާޑުކިޔުންތައްވަނީ ބީއެމްއެލްގެ ބޯޑަށް އަމާޒުވެފައެވެ. އަދި ބީއެމްއެލް ތެރެއިން ބައާވަތެއް ހިންގާ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ. އެހެންނަމަވެސް މި މައްސަލަ އާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ކަމާއި ގުޅުން ހުރި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.