ރުފިޔާ ކާޑަށް ޑޮލަރު ދިނުން ބީއެމްއެލް އިން ކުއްލި ގޮތަކަށް އިއްޔެ ހުއްޓާލުމާ ގުޅިގެން، ސިޔާސީ ފަރާތްތަކުން އަދި ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ކޮށް އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ސިޔާސީ ފަރާތްތަކުން އަދި ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ގޮވާލާފައިވާކަން ފާހަގަވެފައި ވާ ކަމަށެވެ.

ފުލުހުން ބުނީ މި އަމަލަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ކަމަށެވެ.

ޑޮލަރު ނުދޭން ނިންމި ނިންމުން އިއްޔެ އިރުއޮއްސެނިކޮށް ބީއެމްއެލް އިން ބަދަލު ކޮށް ކުރިން އޮތް ގޮތަށް މިހާރު ވަނީ ހަދާފައެވެ. ބީއެމްއެލް އިން ބުނީ ރާއްޖެ އިން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކްގެ ރެގިއުލޭޓާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިރުޝާދަށް ބަލައި މިހާރު އަނބުރާ ގެނެސްފައިވާ ކަމަށާއި އެއާއެކު ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް މިހާރު ކުރެވޭނެ ކަމަށެވެ.

ރުފިޔާ ކާޑަށް ޑޮލަރު ދިނުން ބީއެމްއެލް އިން ހުއްޓާލި ހުއްޓާލުމަކީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތާ ހިލާފު އަމަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އެ މައްސަލައިގައި ސަރުކާރުން ބީއެމްއެލްއާ އެކު މަޝްވަރާތައް ކުރި ނަމަވެސް އެ ބޭންކުން އެންމެ ފަހު ނިންމުން ނިންމީ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ އާ ގުޅިގެން ރޭ ކުރިއަށް ދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި މާލީ ކާރިސާ އާއި ދިމާލަށް ރާއްޖެ މިސްރާބު ޖަހާފައިވާކަމަށާއި އެކަމުން ގައުމު ސަލާމަތް ކުރަން މަގުމައްޗަށް ނުކުންނަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޖަލަށް ލާފާނެތީ ނުވަތަ މުދާތައް އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ވެދާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެކަމަށެވެ. އަދި ސަރުކާރުގައި ތިބި ފަރާތްތަކާއި ގައުމު އަދި ދިވެހިންގެ ސަލާމަތަށްޓަކާ މިހާރު ތިބިހެން ތިބެވެން ނެތް ކަމަށް ގަބޫލުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ އިން ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވަނީ، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އިއްޔެ ބޭންކް އޮފް މޯލްޑިވްސްއިން ނިންމި ނިންމުމާއި ގުޅިގެންނެވެ. ބީއެމްއެލް ގެ މި ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކާއި، އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ،