ރުފިޔާ ކާޑަށް ޑޮލަރު ދިނުން ބީއެމްއެލް އިން ހުއްޓާލި ހުއްޓާލުމަކީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތާ ހިލާފު އަމަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބީއެމްއެލްއިން މިއަދު އަމަލު ކުރީ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ. އެގޮތުން މި ނިންމުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އާ އެކު ބައްދަލުކުރެއްވި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ޑޮލަރު ނުދޭން ނިންމި ނިންމުން ބީއެމްއެލް އިން ބަދަލު ކޮށް ކުރިން އޮތް ގޮތަށް މިހާރު ވަނީ ހަދާފައެވެ. ބީއެމްއެލް އިން ބުނީ ރާއްޖެ އިން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކްގެ ރެގިއުލޭޓާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިރުޝާދަށް ބަލައި މިހާރު އަނބުރާ ގެނެސްފައިވާ ކަމަށާއި އެއާއެކު ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް މިހާރު ކުރެވޭނެ ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އެ މައްސަލައިގައި ސަރުކާރުން ބީއެމްއެލްއާ އެކު މަޝްވަރާތައް ކުރި ނަމަވެސް އެ ބޭންކުން އެންމެ ފަހު ނިންމުން ނިންމީ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށް ވިދާޅުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރުން އެހެންވީމާ ސަރުކާރުގެ އިންޓްރެސްޓުތައް އެބަހުރި ބޭންކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މި ހުރިހާ ކަމެއް ވެސް. އެހެންނަމަވެސް މަޝްވަރާކޮށްގެން އޭރު އެގްރީވެވުނު ގޮތަކަށް ނޫން މިއަދު ޑިޒިޝަންއައީކީ.
މޫސާ ޒަމީރު

ބީއެމްއެލްއިން މިއަދު ހެނދުނު ބުނީ، އެ ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.

ބޭންކުންގެ އެ ނިންމުމާމެދު އާންމުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރަމުންދިޔަ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އެކި މަންސަ ތަކުގައި އަޑު އުފުލާފައެވެ. އެގޮތުން އެ ނިންމުމާ ދެކޮޅަށް ހިޔާލުފާޅު ކުރި ބައެއް މީހުން ބުނީ މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާ ކަމަށެވެ. އަދި މިފަދަ ކުއްލި ބަދަލެއްގެ ސަބަބުން ދަރިވަރުންނަށް އޭގެ އުނދަގޫ ފޯރާފައިވާތީ އެކަމާވެސް ގިނަބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.