ބޭރު ގައުމުތަކުގައި ހުންނަ ފަދަ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ގާއިމްކުރުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މި ނިންމެވުން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރައީސް މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށާއި، ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ގާއިމްކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލާ މަޝްވަރާކޮށް، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ވެސް ލިބިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ޗާޖިން ސްޓޭޝަންގެ މަސައްކަތްތައް މިހާރު ވެސް ފަށާފައިވާކަން ފާހަގަ ކުރައްވާ ފަހުމީ އިތުރަށް ވިދާޅުވީ، ވަރަށް އަވަސް މުސްތަގަބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައް ވެސް ޗާޖްކުރެވޭ ގޮތަށް ހަދާ އެ ސްޓޭޝަންގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ކޮރެއާއަކީ މިފަދަ ޗާޖިން ސްޓޭޝަންތައް އެންމެ ގިނަ ގައުމުކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ އަމާޒަކީ ކޮންމެ ތިން ކާރަކަށް އެއް ޗާޖިން ސްޓޭޝަން އިންސްޓޯލްކުރުން ކަމަށެވެ. އަދި މިއީ އިލެކްޓްރިކް ވެހިކަލްތައް ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް އެހީތެރިވެދިނުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.