ރުފިޔާ ކާޑަށް ޑޮލަރު ދިނުން ބީއެމްއެލް އިން ހުއްޓާލައިފިއެވެ.

ދާދި ދެންމެ އެކަން ހާމަކޮށް ބޭންކުން ބުނީ، ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ މިއަދުން ފެށިގެން ދެން ޑޮލަރު ނުލިބޭނެ ކަމަށެވެ. އަދި ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓް ތަކަށް މިއަދު މި ވަގުތުން ފެށިގެން އަމަލު ކުރަމުން ދާނެ ކަމަށާއި ބޭންކުން މި ބަދަލު ގެނެސްފައި ވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތް ތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައި ވާތީއެވެ.

ގެނައި ބަދަލުތައް؛

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް ޑޮލަރެއް ނުލިބޭނެ.
  • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް ޑޮލަރެއް ނުލިބޭނެ.
  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖެއިން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.

"މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް." ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑައިރެކްޓަރު، ކާލް ސްޓުމްކަ، ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ކަމަށާއި އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑުވި ކަމަށެވެ.

ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާ ކަމެއް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 ޕަސެންޓް ދަށް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން ކަމަށާއި ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަކުން ނުވިއްކޭނެ ކަމަށެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ ކަމަށް އެބޭންކުން ބުނެފައި ވެއެވެ. އަދި މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

ބީއެމްއެލްއިން ބުނަނީ އެ ބޭންކުގައި އެކައުންޓެއް ހުޅުވާލުމަކީ ފަސޭހަކަމެއް ކަމަށާއި އެ ބޭންކުގެ ބްރާންޗަކަށް ނުގޮސްވެސް އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ޔޫއެސްޑީ އެކައުންޓެއް ހުޅުވޭނެ ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، މިއަދު ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއް ކުރާނެ ބަދަލެއްކަން ގަބޫލުކުރާ ކަމަށާއި މިއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރުފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.

މި ބަދަލު އަންނަކަމުގެ ވާހަކަތައް ސޯޝަލްމީޑިއާގައި ތިލަވުމުން ބޭންކްގެ މީޑިއާ އޮފިޝަރުންނަށް ގުޅުމުން މީގ އިރުކޮޅެއްގެ ކުރިން ބުނެފައި ވަނީ އެ ބޭންކުގެ ބޯޑުން އެ ފަދަ ނިންމުމެއް ނިންމާފައި ވާކަން އެނގިފައި ނުވާ ކަމަށާއި ޑޮލަރު ދޫކުރުން ހުއްޓާނުލާ ކަމަށެވެ.