ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެން ދޫކޮށްފައިވާ ބިންތަކުގައި ކެފޭ ހަދާ ވިޔަފާރި ކުރަމުންދިޔަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަންދު ކޮށްފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެން މިދިޔަ ސަރުކާރުން ދިން ބިންތަކުގައި ހިންގަމުން ދިޔަ ހުރިހާ ތަނެއް އެޗްޕީއޭއިން ބަންދު ކޮށްފައި ވާއިރު އެތަން ތަންނުގައި ވަނީ ނޯޓިސް ޖަހާފައެވެ.
އެޗްޕީއޭއިން ޖެހި ނޯޓިސްގައި ބުނެފައި ވަނީ އެތަންތަން ބަންދުކުރަން އެންގީ އެތަންތަނުގެ ސާފުތާހުރިކަން ދަށްވުމުގެ ސަބަބުން ސިއްހަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ ކަމަށެވެ. އަދި އެ ތަންތަނުގައި ކުރަމުންދިޔަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހުއްޓާލުމަށް ވެސް އެ ނޯޓިސްގައި ވަނީ އަންގާފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ބިންތަކުގައި ކެފޭ ހަދާ ވިޔަފާރި ކުރަމުން ދިޔަ ތަންތަން ބަލާ ފާސްކޮށް އެޗްޕީއޭ އިން އެތަންތަން ބަންދު ކޮށްފައި ވާއިރު، މީގެ ކުރިން ހައުސިން މިނިސްޓަރު އަލީ ހައިދަރު ވެސް ވަނީ މި ފަދަ މައްސަލައެއް ބަލަމުން އަންނަކަމަށް ވިދާޅުވެފައެވެ.
މާލޭގައި ގިނަ ބަޔަކު ކުރަމުން ގެންދިޔަ "ގާޑިޔާ" ވިޔަފާރި ހުޅުމާލެ ފޭސް 2 ގައި ކުރަމުން އަންނައިރު މި ސަރަހައްދުގެ ސާފުތާހި ރުކަމާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.