ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލަން ބީއެމްއެލް ބޯޑުން ނިންމާފައި ވާކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށާއި ކާޑަށް ޑޮލަރު ދިނުން އަދި ހުއްޓާލާފައި ނުވާކަމަށް އެ ބޭންކުގެ ޕަބްލިކް ރިލޭޝަން އޮފިސަރު ނުޒުހަތު ނާޒިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މީގެ ކުރިން ބީއެލްއެމްއިލް ރުފިޔާ ކާޑަށް ދޫކުރަމުން އައި ޑޮލަރު ދޫނުކުރަން ބޯޑުން މިހާރު ނިންމާފައި ވާކަމަށެވެ. އަދި އެ ނިންމުން ތަންފީޒު ކުރާނެ ވަކި ތާރީހެއް ނޭނގޭ ކަމަށް ރިޕޯޓް ކޮށްފައި ވާއިރު މިކަމާ ގުޅޭ ގޮތުން 'ދަ ޕްރެސް' އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނުޒުހަތު ވިދާޅުވީ އަދި އެފަދަ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ.

މީގެ އިތުރުން ނުޒުހަތު ވިދާޅުވީ ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލަން ބީއެމްއެލް ބޯޑުން ނިންމައިފިނަމަ މީޑިއާއަށް އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ. އިތުރަށް ނުޒުހަތު ވަނީ ޑޮލަރު ލިމިޓް ކުޑަކުރަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ވެސް އަދި ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅު ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަނު ބޭންކަށް 42 އަހަރު ހިދުމަތް ކުރައްވާފައިވާ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަނީ އެ ބޭންކުގެ ބޯޑު މެންބަރުކަމުން ވަކިކޮށްފައެވެ.

ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލާ ކަމުގެ އަޑުތައް ގަދަވެގެން ގޮސްފައި މިވަނީ، ބީއެމްއެލްއަށް ވަންނަ ޑޮލަރު މަދުވެ ޑޮލަރުގެ ގިނަ މުއާމަލާތްތަކެއް ބޭރުގައި ހިނގަމުން ދާތީއެވެ.

ރުފިޔާ ކާޑުން ޑޮލަރު ދޫކުރުން ހުއްޓާލާނަމަ ހުއްޓިގެން ދާނީ، މިހާރު ކާޑަކަށް ކޮންމެ މަހަކު ދޭ 250 އެމެރިކާ ޑޮލަރެވެ.