ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ދިވެހިންނާމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީީ ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ދިވެހިންނާ މެދު މިއަދުން ފެށިގެން ފިޔަވަޅު އެޅިގެންދާނެ ކަމަށާއި އެގޮތުން 50 ހާސް ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރުމުގެ އިތުރުން ޕާސްޕޯޓު ހިފެހެއްޓިގެން ދާނެ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން ދާ ކަމަށާއި އެގޮތުން މިހާރު އެކުލަވާލާފައިވާ ޓާސްކް ފޯސްގެ ތެރެއަށް ހެލްތް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ ވެސް ބައިވެރިކުރުވާފައިވާ ކަމަށެވެ. މިއާއެކު ހެލްތް މިނިސްޓްރީ އިން، ރެޖިސްޓާ ނުކޮށް ގަވައިދާ ހިލާފަށް އަދި ސިއްހަތަށް ގެއްލުން ވާ ފަދައިން ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ އެފަދަ ތަންތަން ބަންދު ކުރަމުން ދާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ދިވެއްސެއްގެ ނިވަލުގައި ބިދޭސީއަކު ވިޔަފާރި ކުރުމަކީ ވެސް މަނާ ކަމެއް ކަމަށާއި އެފަދައިން އަމަލު ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޓާސްކް ފޯސްކް އާއެކު ގެނެވުނު ބަދަލަކީ ކުރިން ހަމައެކަނި ބިދޭސީ މީހާ ޑީޕޯޓު ކުރެވެމުން އައި އައުން ނިމުމަކަށް ގެނެސް އެފަދައިން ވިޔަފާރި ކުރާ ތަންތަންވެސް ބަންދު ކުރެވިގެން ދިއުމެވެ. އަދި މިފަދައިން ބަންދު ކުރާ ތަންތަނުގައި އަލުން ވިޔަފާރި ކުރަން ފެށޭނީ ހާއްސަ ހުއްދައެއް ނަގައިން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށްޓަކައި އިމިގްރޭޝަނުން ވަނީ އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" މިިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކޮށްފައެވެ. އަދި އިމިގްރޭޝަން ވޮޗް އަށް ލިބޭ މައުލޫމާތާ ގުޅިގެން ގިނަ ތަންތަން މިހާތަނަށް ވަނީ ބަލައި ފާސްކޮށްފައެވެ.