އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ ޒިޔާދު އެ މަގާމުން ވަކިކޮށް އެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ ހަމަޖައްސައިފިއެވެ.

އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޒިޔާދު އައްޔަންކުރީ 28 ނޮވެމްބަރު 2023 ގައެވެ. ޒިޔާދު މި މަގާމުން ވަކިކޮށް ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފައެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އައްޔަނުކުރި ސައުދީ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު އަދި 2018 ވަނަ އަހަރު ފުލުހުންގެ އިދާރާ ހިންގުމާ ވެސް ހަވާލުވެފައެވެ.

ސައުދީ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގައެވެ. އެގޮތުން ސައުދީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު މާލޭގެ މަގުމަތީގެ އެކިއެކި ކަންކަން ބަލަހައްޓަން އުފެއްދި "މަގުފާރަވެރިން" ގެ ޔުނިޓްގެ އެންމެ އިސްވެރިޔާގެ މަގާމް ފުރުއްވާފައެވެ.