އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޑރ.ހަމްދާން އައްސުލަމީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވިގޮތުގައި ހަމްދާޏް ހުތުބާ ދެއްވާނީ އަރަބި ބަހުންނެވެ. ނަމަވެސް ހުތުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލެ ރަޝީދު މިސްކިތުގައިވެސް އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޒު މަޖްދީ އީސާ އެވެ. އަދި ހުތުބާ ދިނުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ބަހުން ކަމަށް ޝަހީމް ވިދާޅުވިއެވެ
ޑރ. ހަމްދާން ތައުލީމް ހާސިލް ކުރައްވާފައި ވަނީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ކަމަށްވާއިރު މަޖުދީ އީސާ ތައުލީމު ހާސިލް ކުރައްވާފައިވާ ވަނީ އަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީންނެވެ.
އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ އަރަބި ބަހުން ހުތުބާއެއް ދެއްވާފައިވަނީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ މިސްރުގެ ޝައިހުލްއަޒްހަރު ފަޟީލަތުއްޝައިހު ޖާދަލްހައްގު އަލީ ޖާދަލްހައްގުއެވެ. މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ދުވަހު މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިހު ސުބައްޔިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ރަށްރަށުގެ ބައެއް މިސްކިތްތަކުގައި އިމާމްވެ ހުކުރު ނަމާދު އެހެން ގައުމުތަކަށް ނިސްބަތްވާ އިމާމުން ކުރައްވާފައި ވެއެވެ. އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްވެސް ވަނީ އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާ ހުތުބާ ދެއްވާފައެވެ.
މީގެ އިތުރުން މިއަހަރު ނޮވެމްބަރު 11 އަށް އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރު ވާއިރު އެކަމުގެ މުނާސަބަތާ ގުޅިގެން ހާއްސަ ހަފްލާއެއް ބާއްވަންވެސް ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.