ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީފުޅެއް އެ ގައުމުގެ ހާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުއްވައިފިއެވެ.
ރައީސްގެ ފަރާތްޕުޅުން މި ސިޓީ އަރުއްވާފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރަކީ ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މިއަދު ހެނދުނު ބޭއްވި ހާއްސަ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑު ވަޒީރުއާއި ބައްދަލު ކުރައްވާ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގްތިސާދީ ރޮނގުންނާއި ބައިނަލްއަގްވާމީ މަސްރަހުގައި މި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ޒަމީރު ވަނީ ސައުދީން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި، ވަޒިރު ޒަމީރުގެ އަރިހުގައި އެވުޒާރާގެ އެމްބެސެޑާ އެޓް ލާޖް އަހްމަދު ނަސީރު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު، ޑިރެކްޓަރު ޖެނެރަލް އާއިޝަތު ފަރީނާ އަދި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަހުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު ޒަމީރު ވަނީ މި މަހުގެ 6 ވަނަ ދުވަހު ފަލަސްތީން މައްސަލައާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ކުއްލި ބައްދަލުވުމަކަށްވެސް ސައުދި އަރަބިއްޔާއަށް ވަޑައިގެންފައެވެ. އެ ބައްދަލުވުމަކީ ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އިރާނުގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން އޯއައިސީގެ އެޗްޒެކްޓިވް ކޮމިޓީން ބޭއްވި ބައްދަލުވުމެކެވެ.