ފާއިތުވި ހަފްތާގައި މާލެއަށް ކުރި ވިއްސާރައިގައި 37 ގެއަކަށް 819،549 ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވަނީ ވިއްސާރަވެ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. ބައެއް ރަށްރަށާއި މާލޭގައި އާންމުންގެ ގެތަކަށް ގެއްލުންވެ ވަގުތީ ހިޔާތަކަށް ވެސް ވަނީ ބަދަލުކޮށްފައެވެ. ވިއްސާރަ މުޅިން އަލިވެފައި ނުވާއިރު މިހާރުވެސް ވައިގަދަވެ ކަނޑުތައްގަދައެވެ.

މިވިއްސާރައިގައި ލިބުނު ގެއްލުންތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޑިޒާސްޓާ މެނޭޖްމެންޓުން ބުނީ މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 3 ރަށެއްގެ ދަނޑުބިންތަކަށް ގެއްލުންލިބިގެންވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ކުރިއަށް ދަނީ ގެއްލުން ލިވިފައިވާ މިންވަރު ވަޒަން ކުރުމުގެ މަސައްކަތް ކަމަށް ވެއެވެ.

ހަމައެހެންމެ މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ހަދާ ނިމިފައިވާ ކަމަށާއި 4 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަމަށް އަންގާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓުން ބުނެއެވެ. އަދި އެސިސްމެންޓު ހެދި ގެ ތަކުގައި އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 819،549 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދަތުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތައް ކަމަށާއި، މިއަހަރުގެ ހުޅަނގު މޫސުން ފެށުނީ ވެސް ވަރަށް ވިއްސާރަކޮށް ކަމަށް ބުނެ މެޓް އޮފީހުންނާއި ބޭރުގެ މީޑިއާތަކުންވެސް ދިޔައީ އިންޒާރު ދެމުންނެވެ.