ތައިލެންޑުގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ޕައެޓޮންޓާން ޝިނަވަޓްރާ އަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަނާގެ ދައުރުގައި، ތައިލެންޑަށް އުޖަލާ މުސްތަގުބަލެއް އެބަ އޮތް ކަަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެ އާއި ތައިލެންޑުގެ ގައުމުގެ ގުޅުން ވަރުގަދަކޮށް، ގުޅިގެން މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ތައިލޭންޑްގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް އާ ވެރިއަކަށް އުމުރުން 37 އަހަރުގެ ޕައެޓޮންޓާން ޝިނަވަޓްރާ އައްޔަންކޮށްފައިވާއިރު މިއީ ތައިލޭންޑްގެ އެންމެ ހަގު އަދި ދެވަނަ އަންހެން ބޮޑުވަޒީރެވެ. ޕައެޓޮންޓާން އަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި މި ވަގުތަކީ ދާހިލީ މައްސަލަތަކާއި އެގައުމުގެ އަސްކަރިއްޔާގެ ނުފޫޒާއި ބާރު ސިޔާސީ ކަންކަމުގެ ތެރޭގައި އޮންނަ މިންވަރާއި ވެރިކަމުގެ ތެރެއަށް ކޯޓުތަކުން ނުފޫޒު ފޯރުވާ މިންވަރަށް ބަލާއިރު ދަތިއުނދަގޫވަގުތެއް ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

ޕައެޓޮންޓާން އަކީ ފާއިތުވެ 20 އަކަށް އަހަރުގެ ތެރޭގައި ޝިނަވަޓްރާ ދަރިކޮޅުން ވެރިކަމަށް ވަޑައިގެންނެވި 4 ވަނަ ބޮޑުވަޒީރެވެ. އޭނާގެ ބައްޕާފުޅު ތަކްޝިން ޝިނަވަޓްރާ ހިމެނިވަޑައިގަންވާ ގޮތަށް މީގެ ކުރިން ވެރިކަން ކުރެއްވި 3 ބޮޑުވަޒީރުން ވެރިކަމުން ދުރުކުރީ ގެނައި އަސްކަރީ ބައާވާތާއި ކޯޓުގެ އަމުރުތަކުންނެވެ.