އިންޑިއާގެ ކޮލްކަތާގެ ވެސްޓް ބެންގާލްގެ އަންހެން ޑޮކްޓަރަކު ރޭޕް ކޮށް މަރާލި މައްސަލައިގައި މުޅި އިންޑިއާ ހިމެނޭހެން ސިއްހީ ދާއިރާގެ މަސައްކަތްތެރިން މޮޑު މުޒާހަރާއެއް ކޮށްފިއެވެ.
އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ބުނީ, ހޮސްޕިޓަލްތަކުގެ އާންމު ހިދުމަތްތައް ހުއްޓާލައި ސިއްހީ ދާއިރާގެ އެންމެން މުޒާހަރާތަކުގައި ބައިވެރިވި ކަމަށެވެ.
އައިއެމްއޭ އިން ބުނީ, ހުސްވި ހަފްތާގައި ހިނގާދިޔަ އެ މަރުގެ ހާދިސާއިން ދައްކައިދެނީ އަންހެނުންނަށް ރައްކާތެރި މާހައުލެއް ނެތް ކަމަށާއި އިންސާފު ހޯދުމުގައި އެމީހުން އުފުލަމުން ދާ ތަކުލީފުތަކަށް ގައުމުގެ އެއްބާރުލުން ބޭނުން ވާ ކަމަށެވެ.
އެ ޖަމާއަތުން އިތުރަށް ބުނީ, 24 ގަޑިއިރަށް މުޒާހަރާ ކުރިއަށް ގެންދިޔަ ނަމަވެސް އެމަޖެންސީ ހިދުމަތްތަކާއި ކެސުއަލްޓީގެ ހިދުމަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ ޖަމާއަތުގެ ރައީސް އާރުވީ އަސޯކަން ވިދާޅުވީ, އެފަދަ ރަހުމްކުޑަ އަމަލެއް މާސިންގާ ބޮޑު ސިޓީއެއްގައި ހިނގައިގެން ދިޔުމުން އަންގައިދެނީ އެއްވެސް ސަރަހައްދެއްގައި ޑޮކްޓަރުންނަށް ރައްކާތެރިކަން ނެތުން ކަމަށެވެ.
އެ ޖަމާއަތުން ވަނީ ސިއްހީ ސާއިރާގެ ބައެއް ގާނޫނުތައް ހަރުދަނާ ކުރުމަށް ގޮވާލައި ސަރުކާރަށް ޑިމާންޑްތަކެއް ވެސް ހުށަހަޅާފައެވެ. އަދި އެފަދަ މަރުތައް ތަހުގީގުކޮށް ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށާއި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ގެއްލުންދޭ ފަރާތްތަކަށް ވެސް އަދަބު ދިނުމާއެކު ގެއްލުން ލިބޭ ފަރާތްތަކުގެ އާއިލާތަކަށް ބަދަލު ދިނުމަށެވެ.
ހުސްވި ހަފްތާގައި ހިނގި މި މާރުގެ ހާދިސާ ހިނގި މެޑިކަލް ކޮލެޖަށް އާންމުންގެ ބަޔަކު ގެއްލުން ދީފައި ވެސް ވެއެވެ.
އުމުރުން 31 އަހަރުގެ ޑޮކްޓަރު ރޭޕް ކޮށް ޖިސްމާނީ އަނިޔާ ދީފައި ވަނީ ބަލާލަން ކެރޭ ދަރަޖައަކަށް ނޫން ކަމަށް ހަބަރުތައް ބުނެއެވެ. އަދި މިކަން ކޮށްފައި ވަނީ އާރު ޖީ ކާރު މެޑިކަލް ކޮލެޖުގައި މަސައްކަތަށް ފަހު އޭނާ ރެސްޓް ކޮށްލަން ދިޔަވަގުތު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލްގައި ވޮލަޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ދަނީ އިންޑިއާގެ ސީބީއައި އިންނެވެ.