ކުރީގެ ވިޔަފާރިވެރިޔާ އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަ ވެއްޖެއެވެ.

ޒާހިރު އަވަހާރަވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރުއެވެ.

ރާއްޖޭގެ ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ޒާހިރު ވަނީ އެމްޑީޕީ ލ. ފޮނަދޫ ދާއިރާގެ ރައީސްކަންވެސް ކުރައްވާފައެވެ. އެ ދުވަސްވަރު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުމެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައި ވާއިރު 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޒާހިރު ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ.

އީޖާދީ، އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރިޔާ ޒާހިރު ވަނީ، ދޮންނަ ކުނޑި އާއި އެއާ ފްރެޝްނާ ފަދަ ތަކެތި ރާއްޖޭގައި އުފައްދަވައިފައެވެ. އެ ގޮތުން ހާޕިކް ލިކުއިޑް، ވިމް ފައުޑަރު، މޫނުގައިޖަހާ ފުށް އަދި ލީޗިން ލިކުއިޑް ފަދަ ތަކެތި އުފައްދަވާފައި ވެއެވެ. މީގެ އިތުރުން މަހުގެ ބާވަތްތަކާއި ހުއިފިލަނޑާ އެކްސްޕޯޓުކުރުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގައިވެސް އިސްދައުރެއް އަދާކުރެއްވި ޒާހިރު އަށް ވަނީ އިގްތިސޯދީ މަސައްކަތް ކުރިއެރުމުގެ ދާއިރާ އިން 1993 ވަނަ އަހަރު އާންމު ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ.