ފަލަސްތީނުގެ މައްސަލައަކީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ މައްސަލައެއްކަމަށާއި އެ މާތް ބިން މިނިވަން ކުރުމަށް ހުރިހާ މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ 'ފަލަސްތީނާއި މުސްލިމުން'ގެ މައުލޫއަށެވެ. އެގޮތުން ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންގެ އަގީދާއާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށާއި ބަޔަކު ކިތަންމެ ވަރަކަށް އޮޅުވައިލާން އުޅުނަސް، ފަލަސްތީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ފަލަސްތީނުގެ ގާޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތަކަކީ މި ފަހުގެ ތާރީހުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެއްކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ހަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދާ ކަމަށެވެ.

މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލައިފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ، މިއަދު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެންވެސް އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ނުކުޅެދިފައިވާ ކަމަށެވެ.

އަދި މުސްލިމުންގެ ފުރަތަމަ ގިބްލައަކީ އަލް އަގްސާ މިސްކިތް ކަން ފާހަގަކޮށް ހުތުބާގައި ބުނީ ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި އެ ގައުމުގެ މީހުންގެ މައްސަލައެއް ނޫން ކަމަށެވެ.

ގާޒާއިން ވަގަށް ގެންގޮސް ހަށިގަނޑުތައް އަނބުރާ ގެނައުމުން އޮފިޝަލުން ވަޅުލުމުގެ މަަސައްކަތް ކުރަނީ

"އެއީ ހަމަ އެކަނި އަރަބީންގެ މައްސަލައެއް ވެސް ނޫނެވެ. އެކަމަކު އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެކެވެ. މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަންކުރުމަށް ޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެއެވެ. އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެ" ހުތުބާގައި ބުންޏެވެ.

ޒަޔަނިސްޓުންގެ އަޑުގަދަ ދުންމާރިއާއި މީޑިއާގެ ޒަރީއާއިން އެއީ ޔަހޫދީންގެ ބިމެއްކަމުގައި ސާބިތުކޮށްދެވޭތޯ މަސައްކަތްކުރިޔަސް އެއީ ހަމަ މުސްލިމުންގެ ބިމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.