ދިވެހި ދައުލަތަށް 43 އަހަރު ހިދުމަތް ކުރެއްވި ކުރީގެ މަޝްހޫރު ފުޓުބޯޅަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެއެވެ.

މައްލާ ޅަތުއްތު އަވަހާރަވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށެވެ.

މައްލާ ޅަ ތުއްތު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ކުޅިވަރު ކުރިއެރުވުމުގައި ބައި ގަރުނަށްވުރެ ގިނަދުވަހު ހިދުމަތް ކުރި މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ވަނީ މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި އަދި މަރުހޫމްގެ ފުރާނަ ސުވަރުގޭގައި ލެއްވުން އެދި ދުއާ ކުރައްވާފައެވެ.

ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ގައުމީ ހިތްވަރުދިނުމުގެ އިނާމާ، ގައުމީ ޝަރަފްވެރިކަމުގެ އިނާމާ، އަދި ދައުލަތަށް ދިގުމުއްދަތަކު ހިދުމަތްކުރެއްވުމުގެ އިނާމާ، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ހާސިލްކުރައްވާފައިވާ ގައުމީ ހިދުމަތުގެ ނަމޫނާ ޝަހްޝިއްޔަތެއްކަމުގައިވާ މައްލާ ޅަތުއްތު އަވަހާރަވި މި ހިތާމަވެރި ވަގުތު، އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެމެވެ.
ރައީސް ޑރ. މުއިއްޒު

މައްލާ ޅަތުއްތު ވަނީ އުމުރުން 16 އަހަރުގައި، ސިފައިންގެ މީހެއްގެ ވަޒީފާއަށް ވަދެ އޭގެފަހުން ހޯމް އެފެއާޒްގެ ރަޖިސްޓްރޭޝަން ޑިވިޝަންގެ އިނގިރޭސި ކާތިބުކަމާއި، ކުޅިވަރާބެހޭ ބައިގެ ސެކްރެޓެރީކަންވެސް ކުރައްވާފައެވެ. މީގެއިތުރުން މައްލާ ޅަ ތުއްތު ވަނީ 16 އަހަރު އެސްޓީއޯގެ ސެކްރެޓެރީއެއްގެ މަގާމުން ފެށިގެން ތަފާތު މަގާމުތައް ފުރުއްވާފައެވެ.

މީގެއިތުރުން މައްލާ ޅަތުއްތު ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގައިވެސް ތަފާތު އެކިއެކި މަގާމުތަކުގައި 11 އަހަރަށްވުރެ ގިނަ ދުހު މަސައްކަތްކުރައްވާފައެވެ. ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު، މައްލާ ޅަތުއްތު ރިޓަޔާ ކުރައްވާފައިވަނީ 20 އެޕްރީލް 2010 ގައެވެ.