ރަށްރަށުގައި ޖަހާފައިވާ މަގުބައްތިތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ މިންގަނޑަށް ފެއްތުމަށް ދިން މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އަނެއްކާވެސް އިތުރު ކޮށްދީފި އެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަގު ބައްތިތައް އިސްލާހު ކުރުމަށް ދިން މުއްދަތު އިތުރުކުރީ، ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރުމުގެ އިތުރުން ރައީސް އޮފީހުގެ ލަފާގެމަތިން، ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރު ކުރުމާއި ގުޅިގެން ކަމަށެވެ.

އެހެންކަމުން އެކަން އިސްލާހު ކުރުމަށް ދީފައިވާ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ރަށްރަށުގެ ކަރަންޓުގެ ހިދުމަތްތައް ހަރުދަނާ ކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޔޫއާރުއޭ އިން ކަނޑައަޅާފައިވާ ހާއްސަ މިންގަނޑަށް ފެއްތުމަށް 144 ރަށެއްގެ ކައުންސިލަށް ފެނަކައިން ވަނީ އަންގާފައެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިގޮތަށް އަމަލު ނުކުރާ ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާ ކަމަށް އަންގާ، ފެނަކައިން މީގެ ދެ ފަހަރެއްގެ މަތިން ކައުންސިލްތަކަށް ވަނީ މުއްދަތު ދީފައެވެ.

ރަށްރަށުގެ މަގުބައްތިތައް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މަގުބައްތިއަކުން ކަރަންޓު ޖެހި ރ. އުނގޫފާރު ޒުވާނަކު ނިޔާވުމާ ގުޅިގެންނެވެ.