ރާއްޖޭގެ ރަށްރަށުގައި ފެނަކައިން ހިންގަމުންދާ ހުރިހާ މަޝްރޫއުއެއްގެ ކޮންޓްރެކްޓު ބާތިލުކުރަން ނިންމާފައިވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލިބު ވިދާޅުވީ ފެނަކައާ ހަވާލު ކޮށްގެން ރާއްޖޭގެ 20 ރަށެއްގައި ހިންގަމުންދިޔަ މަޝްރޫއުތަކުގެ ކޮންޓްރެކްޓް ބާތިލުކޮށް އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

މި ގޮތަށް ނިންމި ސަބަބު ހާމަކުރައްވަމުން މުއްތަލިބު ވިދާޅުވީ ފެނަކައަކީ ކޮންޓްރެކްޓު މަސައްކަތް ހިންގާނެ ކޮންޓްރެކްޓަރަކަށް ނުވާތީ، އަދި އެއީ އެ ހިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާއަށް ވުމާއެކު ސަރުކާރުން އެ ޕްރޮޮޖެކްޓުގެ މަސައްކަތުގެ ކޮންޓްރެކްޓު ބާތިލުކުރުމަށް ފަހުގައި އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ޑައިރެކްޓު ނެގޯޝިއޭޝަނެއްގެ ތެރެއިން އެމްޑައިބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމީ ކަމަށެވެ.

މި މަސް ނިމުމުގެ ކުރިން އެމްޑަބްލިއުއެސްސީއާ ޕްރޮޖެކްޓުތައް ހަވާލު ކުރެވޭތޯ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ ވީހައިވެސް އަވަހަކަށް އެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލު ކުރުމުގެ މަސައްކަތް ކުރެވޭނެ މަގެއް ފެނޭތޯ ޓެންޑާ ބޯޑާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މުއްތަލިބު ވިދާޅުވީ އެއްވެސް ރަށެއްގައި ހިންގަމުންދާ މަޝްރޫއުއެއް ހުއްޓާލައިގެން ސަރުކާރުން ނުތިބޭނެކަމަށާ ވީހައިވެސް އަވަހަކަށް މަޝްރޫއުތައް ފެށޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މުއްތަލިބު ވިދާޅުވީ 20 ރަށުގެ މަޝްރޫއުތައް ހިންގުމަށް އެއް ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ހުށަހަޅާފައިވާ އަންދާސީ ހިސާބަށް ބަލާއިރު ލަފާ ކުރެވޭ ކަމަށާއި އެ 20 ރަށުގެ މަސައްކަތް ކުރިއަށް ގެންދާނީ އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.